މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރަން ފަށައިފިއެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އިންތިޚާބުގެ ގޮތުގައި ފާހަގަކުރެވޭ މި އިންތިޚާބުގައި ތިން ވޯޓެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނެގި ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި، މި ވޯޓުގެ ވަގުތީ ނަތީޖާތައް މިހާރު ވަނީ އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމުކޮށްފައެވެ. އަދި އިންތިޚާބާ ގުޅިގެން ޝަކުވާ ހުށަހަޅާފައިވާ ފޮށިތައް އަލުން ގުނުމަށްފަހު، އެ ފޮށިތަކުގެ ނަތީޖާވެސް މިހާރު ވަނީ އާންމުކޮށްފައެވެ. ދާއިމީ ނަތީޖާ އިއުލާންކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރިއަށް ގެންދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް ވަގުތުންނެވެ.
މިފަހަރުގެ އިންތިޚާބަކީ ކައުންސިލް އިންތިޚާބެއްގައި މިހާތަނަށް އެންމެ ގިނަ މީހުން ވޯޓުލީ އިންތިޚާބު ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއެވެ.
އެގޮތުން ވޯޓުލުމުގެ ހައްޤު ލިބިގެންވާ 294,876 މީހުންގެ ތެރެއިން 73 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ ވޯޓުލާފައެވެ. މި
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވޯޓު ލާފައިވެއެވެ.
އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. މިކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިހާރު ވަނީ ފަށާފައެވެ.
ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެއް ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

