މި އަހަރުގެ ފުރަތަމަ ތިން މަހު ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 16 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީރާއިން އާއްމުކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭރު ފައިސާގެ ގޮތުގައި ޖުމްލަ 512.4 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޓެކުހުގެ ގޮތުގައި މާޗު މަހުގެ ނިޔަލަށް 410.3 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 332.1 މިލިއަން ޑޮލަރެވެ. އެހެންކަމުން، މި އަހަރުގެ ފުރަތަމަ ތިން މަހު ޓެކުހުގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އާމްދަނީ ވަނީ ނިމުނު އަހަރާ އަޅާބަލާއިރު 23.5 އިންސައްތަ އިތުރުވެފައެވެ.
ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓީޖީއެސްޓީއެވެ. ޓީޖީއެސްޓީގެ ގޮތުގައި 269.5 މިލިއަން ޑޮލަރު ލިބުނުއިރު، ގްރީން ޓެކުހުގެ ގޮތުގައި 47.7 މިލިއަން ޑޮލަރު އަދި އާމްދަނީން ނަގާ އެކި ބާވަތުގެ ޓެކުހުގެ ގޮތުގައި 56.2 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މީގެ އިތުރުން ޑިޕާޗާ ޓެކުހުގެ ގޮތުގައި 36.6 މިލިއަން ޑޮލަރު ލިބިފައިވާކަމަށް މީރާއިން ބުނެއެވެ.
ޓެކުސް ނޫން ގޮތްގޮތުން ލިބުނު ބޭރު ފައިސާގެ އާމްދަނީއަށް ބަލާއިރު، ޖުމްލަ 102.1 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނައީ ޑިޕާޗާ ފީގެ ގޮތުގައި ލިބުނު 37.1 މިލިއަން ޑޮލަރެވެ. އަދި ޓޫރިޒަމް ބޭނުމަށް ދޫކުރި ބިންތަކުގެ ލޭންޑް އެކުއިޒިޝަން ފީގެ ގޮތުގައި 20.5 މިލިއަން ޑޮލަރާއި، ލީސް މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 6.6 މިލިއަން ޑޮލަރުގެ އިތުރުން، ބިންތަކުގެ ކުލީގެ ގޮތުގައި 35.7 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
ބޭރު ފައިސާގެ އާމްދަނީގެ އިތުރުން، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ނިމުނު އަހަރުގެ ފުރަތަމަ ތިން މަހު ޖުމްލަ އާމްދަނީގެ ގޮތުގައި 9.5 ބިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 11.27 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 18 އިންސައްތައިގެ ކުރިއެރުމެކެވެ.

