ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފުރަތަމަ މި ހައުސިންގ ޔުނިޓުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިއަހަރުގެ ޖަނަަރީ މަހުގެ 11 ވަނަ ދުވަހުއެވެ. އެ މުއްދަތު މިއަދަށް ހަމަވި ނަމަވެސް، ވީހާވެސް ގިނަ ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން މިހާރު ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައެވެ. ހައުސިންގ ޔުނިޓުތަކަށް އެދި ފޯމު ހުށަހަޅަން ޖެހެނީ “ހިޔާވަހި ޕޯޓަލް” މެދުވެރިކޮށެވެ.
މިހާތަނަށް ލިބިފައިވާ އެޕްލިކޭޝަންތަކަށް ބަލާއިރު، ތ. ވިލުފުށީގެ 100 ހައުސިންގ ޔުނިޓަށް އެދި 206 ފަރާތަކުން ވަނީ ހުށަހަޅާފައެވެ. އަދި ބ. ތުޅާދޫގެ 100 ހައުސިންގ ޔުނިޓަށް އެދި 347 ފަރާތަކުން މިހާތަނަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫތަކަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ. އެގޮތުން މާލޭ ސަރަހައްދުގައި ކުރިއަށް ގެންދާ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތުވެސް ވަނީ މި މަހުގެ 30 އަށް އިތުރުކޮށްފައެވެ.
ސަރުކާރުން ބުނެފައިވަނީ މިފަދައިން މުއްދަތުތައް އިތުރުކުރަމުންދަނީ، ވީހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތުތަކުގައި ބައިވެރިވުމުގެ މަގު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

