އާއްމު ހިދުމަތްތަކާއި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ދައުލަތުން ހިންގާ ޕަބްލިކް ސެކްޓާ އިންވެސްޓުމެންޓު ޕްރޮގުރާމުގެ (ޕީއެސްއައިޕީ) ތެރެއިން ހިންގަމުންދާ އެކި މަޝްރޫއުތަކަށް ޖުމްލަ 1.1 ބިލިއަން ރުފިޔާ ހަރަދުވެފައިވާކަން މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އޭޕްރީލު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މި އަދަދު ވަނީ ހޭދަވެފައެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމްލަ 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
މާލީ ހިސާބުތަކަށް ބަލާއިރު، ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ އިގުތިސާދީ ދާއިރާއާ ގުޅުންހުރި މަޝްރޫއުތަކަށެވެ. އެގޮތުން އިގުތިސާދީ ދާއިރާގެ މަޝްރޫއުތަކަށް 496.7 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ދަތުރުފަތުރާ ގުޅޭ އުމްރާނީ މަޝްރޫއުތަކަށެވެ. އެ މަޝްރޫއުތަކަށް 345.3 މިލިއަން ރުފިޔާ ހަރަދުވިއެވެ.
މީގެ އިތުރުން، އިގުތިސާދާ ގުޅުންހުރި ދާއިރާތަކުގެ ތެރެއިން ހަކަތައާއި ޔުޓިލިޓީސްގެ ދާއިރާގެ މަޝްރޫއުތަކަށް 139.2 މިލިއަން ރުފިޔާ ހަރަދުވެފައިވާކަން ފާހަގަކުރެވެއެވެ.
އާއްމު ހިދުމަތްތަކާ ގުޅުންހުރި މަޝްރޫއުތަކަށް ޖުމްލަ 257.7 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައެއް ހޭދަވެފައިވަނީ ބިން މެނޭޖުކުރުމާ ގުޅުންހުރި މަޝްރޫއުތަކަށެވެ. އެއީ 253.7 މިލިއަން ރުފިޔާއެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގެ މަޝްރޫއުތަކަށް 39.3 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.
ސިއްހީ ދާއިރާގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް 118.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށް 54.6 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. ދީނީ ހިދުމަތްތަކާ ގުޅުންހުރި މަޝްރޫއުތަކަށް 50.4 މިލިއަން ރުފިޔާ އަދި ކުޅިވަރާ ގުޅޭ މަޝްރޫއުތަކަށް 44.8 މިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

