ލ. ގަމުގައި އޮންނަ ތާރީޚީ އަދި ގުދުރަތީ ރީތިކަން ލިބިފައިވާ "ބޮޑަ ފެންގަނޑަ" ނުވަތަ ޕަރީ ފެންގަނޑު ބަލާލުމަށް ހެދި ޚާއްސަ ޕްލެޓްފޯމް ރަސްމީކޮށް އާންމުންނަށް މިއަދު ހުޅުވާލައިފިއެވެ. މި ޕްލެޓްފޯމް ހުޅުވުމަށްޓަކައި މިއަދު ވަނީ އެ ސަރަހައްދުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ލާމު ގަމު ކައުންސިލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއީ އެންދެރި ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު ހެރިޓޭޖް ސޮސައިޓީން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ޖުމްލަ 450,000 (ހަތަރުލައްކަ ފަންސާސް ހާސް) ރުފިޔާގެ ބަޖެޓަކުން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ލ ގަމުގެ ތާރީޚީ "ޕަރީ ފެންގަނޑު" ބަލާލުމަށް ހެދި ޕްލެޓްފޯމް އާންމުންނަށް ހުޅުވާލުމުގެ ތެރެއިން—-ފޮޓޯ:މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ.އެފްބީ
ކައުންސިލުން ވިދާޅުވީ، މި ޕްލެޓްފޯމުގެ ސަބަބުން ޕަރީ ފެންގަނޑުގެ ރީތި މަންޒަރުތައް ބަލަން ބޭނުންވާ ފަރާތްތަކަށް ޕްލެޓްފޯމު މަތީގައި ތިބެގެން ރައްކާތެރިކަމާއެކު އެ މަންޒަރުތައް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މިއީ އެ ސަރަހައްދަށް ޒިޔާރަތްކުރާ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއްކަން ކައުންސިލުން ފާހަގަކުރެއެވެ.

ލ ގަމުގެ ތާރީޚީ "ޕަރީ ފެންގަނޑު" ބަލާލުމަށް ހެދި ޕްލެޓްފޯމް އާންމުންނަށް ހުޅުވާލުމުގެ ތެރެއިން—-ފޮޓޯ:މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ.އެފްބީ
މި މަޝްރޫއުގެ ދަށުން އެ ސަރަހައްދު ބަލައިލުމަށް ޚާއްސަ ޕްލެޓްފޯމެއް ތަރައްގީ ކުރުމުގެ އިތުރުން، އާންމުންނަށް ބޭނުންކުރުމަށްޓަކައި ދެ ކެނޯ ވެސް ވަނީ އެ ސަރަހައްދުގައި ބާއްވާފައެވެ. މީގެ ސަބަބުން ފެންގަނޑުގެ ތެރޭގައި ދަތުރުކޮށްލުމުގެ ފުރުސަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެއެވެ.

ލ ގަމުގެ ތާރީޚީ "ޕަރީ ފެންގަނޑު" ބަލާލުމަށް ހެދި ޕްލެޓްފޯމް އާންމުންނަށް ހުޅުވާލުމުގެ ތެރެއިން—-ފޮޓޯ:މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ.އެފްބީ
ތާރީޚީ ގޮތުންނާއި ގުދުރަތީ ގޮތުން މުއްސަނދިކަމެއް ލިބިފައިވާ ބޮޑަ ފެންގަނޑަކީ ލ. ގަމުގެ ވަރަށް މުހިންމު ތަރިކައެކެވެ. މިފަދަ ވަސީލަތްތައް ގާއިމުކުރުމުގެ މައިގަނޑު މަގްސަދަކީ މިފަދަ ތާރީޚީ ތަންތަން ރައްކާތެރިކަމާއެކު އާންމުންނަށް ބަލައިލެވޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ.

