ހަނދަށް ކުރި ތާރީޚީ ދަތުރަށްފަހު، ނާސާގެ އާޓެމިސް 2 މިޝަންގެ ހަތަރު އެސްޓްރޮނޯޓުންނާއި އޮރަޔަން ސްޕޭސްކްރާފްޓް ހުކުރު ދުވަހު ކާމިޔާބުކަމާއެކު ޕެސިފިކް ކަނޑަށް ޖައްސައިފިއެވެ. މިއީ ފާއިތުވި 53 އަހަރު ތެރޭގައި އިންސާނުން ހަނދަށް ކުރި ފުރަތަމަ ދަތުރެވެ.
މި މިޝަންގައި ބައިވެރިވި އެސްޓްރޮނޯޓުންނަކީ ކޮމާންޑަރު ރީޑް ވައިޒްމަން، ޕައިލެޓް ވިކްޓަރ ގްލޯވާ، މިޝަން ސްޕެޝަލިސްޓް ކްރިސްޓީނާ ކޮކް އަދި ކެނޭޑިއަން ސްޕޭސް އެޖެންސީގެ ޖެރެމީ ހެންސަން އެވެ. 10 ދުވަހުގެ މި ދަތުރުގައި އެސްޓްރޮނޯޓުން ވަނީ ގާތްގަނޑަކަށް 694,000 މޭލަށްވުރެ ދުރަށް ދަތުރުކޮށްފައެވެ.
މި ދަތުރުގެ ތެރެއިން އޭޕްރީލް 6 ވަނަ ދުވަހު، އޮރަޔަން ކްރާފްޓް ވަނީ އެޕޯލޯ 13 މިޝަނުން ގާއިމުކޮށްފައިވާ ރެކޯޑް މުގުރާލައި، ދުނިޔެއާ އެންމެ ދުރަށް ދަތުރުކުރި އިންސާނުންގެ އާ ރެކޯޑެއް ގާއިމުކޮށްފައެވެ. އެގޮތުން ދުނިޔެއާ 252,756 މޭލު ދުރަށް މި އުޅަނދު ދަތުރުކުރިއެވެ.
ނާސާގެ އެސޯސިއޭޓް އެޑްމިނިސްޓްރޭޓަރ އަމިތު ކްޝަޓްރިޔާ ވިދާޅުވި ގޮތުގައި، މި މިޝަންގެ ސަބަބުން ކުރިއަށް ހުރި މިޝަންތަކަށް ބޭނުންވާނެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. "އެމީހުން ވަނީ ދިރިހުރި އެއްވެސް އިންސާނަކަށް ފެނިފައިނުވާ މަންޒަރުތަކެއް ބަލާފައި. އަދި ޖައްސީގެ ނިޒާމުތައް ފަރުމާކުރެވުނު މާހައުލުގައި އެ ތަކެތި ޓެސްޓުކޮށްފައި،" އޭނާ ވިދާޅުވިއެވެ.
މި ދަތުރުގައި އެސްޓްރޮނޯޓުން ވަނީ ހަނދުގެ ފުރަގަހުން އިރު އޮއްސޭ މަންޒަރާއި އިރު އަރާ މަންޒަރު ބަލައި، 175 ޖީބީގެ ފޮޓޯއާއި ވީޑިއޯ ނަގާފައެވެ. މީގެ ތެރޭގައި މީގެ ކުރިން އިންސާނުންނަށް ފެނިފައިނުވާ ހަނދުގެ ބައެއް ޖިއޮލޮޖިކަލް ސިފަތައް ހިމެނެއެވެ.
އާޓެމިސް 2 ގެ މި ކާމިޔާބީއަކީ 2028 ވަނަ އަހަރު އިންސާނުން އަލުން ހަނދުގެ ފަސްގަނޑުގައި ފައިބީއްސާލުމަށް ކުރެވޭ މަސައްކަތުގެ ބިންގަލެވެ. މި މިޝަންގެ ސަބަބުން ޓެކްނިކަލް ގޮތުންނާއި ސައިންޓިފިކް ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ނާސާއިން ފާހަގަކުރެއެވެ.

