ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަތީ މި ހިނގާ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ޚާއްޞަ މެހުމާންދާރީގެ ދަށުން ކުރެއްވި ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންނެވުމުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެ ބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ދައުލަތުގެ ވަޒީރުންގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ވަޑައިގެންފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި މި ދަތުރުފުޅުގެ އެންމެހާ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވާފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނެވެ.

