ފ. ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު މީހާގެ ހާލު ސީރިއަސްވެ، މިހާރު އޭނާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 39 އަހަރުގެ ބިދޭސީ ފިރިހެނަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުގެ 60 އިންސައްތަ ވަނީ ފިހިފައެވެ.
އެމީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ފީއަލީ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް އޭނާގެ ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން، އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު ފަރުވާ ދެމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދިން ގޮތުގައި، ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެގެން ރިޕޯޓްކޮށްފައިވަނީ އޭޕްރީލް 9 ވަނަ ދުވަހުގެ ހެނދުނު 09:15 ހާއިރުއެވެ.
މި ހާދިސާގައި ތެޔޮ ބޯޓުގެ އިތުރުން ބަނދަރުގައި އަޅާފައި އޮތް ދެ ދޯންޏަކަށް ވެސް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި އަލިފާންގަނޑު ފެތުރިގެން ގޮސް ބަނދަރު ސަރަހައްދުގައި ހުރި އައިސްޕްލާންޓުގައި ވެސް ރޯވެ، އެ ތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
ފުލުހުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

