މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ކުންފުނީގެ ހަ ދަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި މުހިންމު މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތަކާއި އަހަރީ ކޭކު ފެޅުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
މި ރަސްމިއްޔާތަކީ އެމްއޭސީއެލްގެ ދިގު ތާރީހުގައި ހޯދާފައިވާ ކުރިއެރުންތަކާއި، ބަދަހިކޮށްފައިވާ ގުޅުންތަކުގެ އިތުރުން ހާސިލްކޮށްފައިވާ ބޮޑެތި ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވުނު މާނަފުން ހަރަކާތެކެވެ. ވޭތުވެދިޔަ 60 އަހަރަކީ އެ ކުންފުނިން ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ނަމޫނާ ދައްކައި، އިތުބާރާއި ވަފާތެރިކަމާއެކު ހިދުމަތް ދިނުމުގައި ހޭދަކުރި ދުވަސްތަކެކެވެ.

އެމްއޭސީއެލް އަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުން—ފޮޓޯ:އެމްއޭސީއެލް
އެމްއޭސީއެލްގެ ފަރާތުން ހާމަކުރި ގޮތުގައި، މި އަހަރީ ދުވަހަކީ ހަމައެކަނި މާޒީގެ ކާމިޔާބީތަކަށް ބަލާލުމެއް ނޫނެވެ. މިއީ ކުރިމަގުގައި މިއަށްވުރެ ވަރުގަދަ، އަދި ނަތީޖާ ނެރެދޭނެ މުސްތަގުބަލެއް ބިނާކުރުމަށް އެ ކުންފުނިން ވާ އާ އަޒުމެކެވެ. ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި އެމްއޭސީއެލް އިން ވަނީ އާ އީޖާދުތަކާއި ތަރައްގީގެ މަޝްރޫއުތަކާއެކު އެއާޕޯޓުގެ ހިދުމަތްތައް އާ އުސްމިންތަކަކަށް ގެންގޮސްފައެވެ.
މި އުފާވެރި މުނާސަބަތުގައި ކުންފުނީގެ މުވައްޒަފުންނާއި ހިއްސާދާރުން ބައިވެރިވެފައިވާއިރު، މިއީ އެމްއޭސީއެލްގެ ދަތުރުގައި އެންމެން ގުޅިގެން ހޯދާފައިވާ ކާމިޔާބީއެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ. 60 އަހަރުގެ ފަހުރުވެރި ތާރީހާއެކު، އެމްއޭސީއެލް އިން މިހާރު ތައްޔާރުވަމުންދަނީ ކުރިއަށް އޮތް އަހަރުތަކުގައިވެސް ރާއްޖޭގެ މައި ދޮރާށީގެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، އާ މައިލްސްޓޯންތަކެއް ހާސިލްކުރުމަށެވެ.

