އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ އިންތިހާބުގެ ދެވަނަ ބުރުގައި ކައުންސިލް ދެ ގޮނޑި އާއި ޑަބްލިޔުޑީސީގެ ތިން ގޮނޑިއަކަށް މެންބަރުން އިންތިހާބު ކުރުމަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އީސީން އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ނިންމާފައިވަނީ، އިންތިހާބު ކުރަން ޖެހޭ މެންބަރުންގެ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައި ވާތީއެވެ. އިއްޔެ އީސީން ވަނީ އެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށް، ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނެ ރަށްތައް އިއުލާންކޮށްފައެވެ.
ދެވަނަ ބުރު ބާއްވާ ކައުންސިލް ގޮނޑިތައް:
ކައުންސިލް އިންތިހާބުގެ ދެވަނަ ބުރު ބާއްވަނީ ތިރީގައިވާ ދެ ދާއިރާއަށެވެ:
- ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި
- ފުވައްމުލައް ސިޓީގެ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ހާއްސަ ގޮނޑި)
ދެވަނަ ބުރު ބާއްވާ ޑަބްލިޔުޑީސީ ގޮނޑިތައް:
ޑަބްލިޔުޑީސީގެ އިންތިހާބުގެ ދެވަނަ ބުރު ބާއްވާ ތިން ރަށަކީ:
- ހއ. ކެލާ
- ހދ. ނޭކުރެންދޫ
- ލ. މާވަށް
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މި އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ ޖެހިގެން އަންނަ އާދިއްތަ ދުވަހު އިއުލާން ކުރާނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

