މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) ގެ މަޤާމުގައި ހުންނެވި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިފްކޯގެ އެންމެ އިސް މަޤާމުން ފަރުޙަތު އިސްތިއުފާ ދެއްވަން ނިންމަވައި، އެކަން މިހާރު ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަން ޕީއެސްއެމް ނިއުސްއަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް، މަޤާމުން ވަކިވެވަޑައިގަތުމަށް ނިންމެވި ވަކި ސަބަބެއް މިހާތަނަށް ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.
ފަރުޙަތު ޝަޙީރު މިފްކޯގެ ސީއީއޯގެ މަޤާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އޭނާއަކީ ދިވެހި އަސްކަރިއްޔާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
މިފްކޯގެ ހިންގުމަށް ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ފަރުޙަތު އިސްތިއުފާ ދެއްވުމާ ގުޅިގެން، ދެން އެ މަޤާމަށް އައްޔަންކުރާނެ ބޭފުޅަކާ މެދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

