މި މައްސަލައަކީ ސިނާނާއި އިތުރު ދެ މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި ލޯނަކަށް 3.8 މިލިއަން ރުފިޔާ ދައްކަން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ކަމަށް ބުނެ ޣާލިބް ސަލީމް ކިޔާ މީހަކު ހުށަހެޅި މައްސަލައެކެވެ. ހިތަދޫ ކޯޓުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކުރި ހުކުމުގައި ވަނީ އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށެވެ.
ސިނާނުގެ އިތުރުން މި ދަރަނީގެ މައްސަލައިގައި ދެން ހިމެނެނީ ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުހައްމަދު ސަލީމެވެ. އެމްއައިބީން ކުރި މި ދައުވާ ކޯޓުން ނިންމާފައިވަނީ އެ ބޭންކާ އެއްކޮޅަށެވެ. ގާލިބް ސަލީމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާތީ މަޖިލިސް މެމްބަރުކަމުގެ ޝަރުތެއް އުނިވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.
މައްސަލައިގެ ހުކުމް އިއްވަވަމުން ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި ފާހަގަކުރެއްވި ގޮތުގައި، ހިތަދޫ ކޯޓުގެ ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ކަނޑައަޅަން ސިނާންގެ ފަރާތުން ހުށަހަޅާފައި ނުވާތީ، އެއީ ޣައިރު ހާޒިރުގައި ކުރި ހުކުމެއް ކަމަށް ބުނެ ދައްކާ ވާހަކަ ބަލައިނުގަނެވޭނެއެވެ. އަދި ސިނާނުގެ މައްޗަށް ދަރަންޏެއް ސާބިތުވެފައިވާކަމާއި، ހުކުމާ އެއްގޮތަށް ގަވައިދުން ފައިސާ ދައްކާފައި ނުވާކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
ޝުޖޫންގެ މި ރައުޔަށް ބެންޗުގެ ހުރިހާ ފަނޑިޔާރުން ވަނީ ތާއީދުކުރައްވާފައެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ވަނީ ދަރަނީގެ މައްސަލައެއް ސާބިތުވެފައިވާތީ މުހައްމަދު ސިނާނުގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ބެއްލެވި މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

