ނޫނު އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގައި މިއަދު މެންދުރުފަހު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 14:04 އެހައިކަންހާއިރު އެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެ ރިސޯޓަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އިތުރުން ރިސޯޓުގެ މުވައްޒަފުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މި ހާދިސާ ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ ހުރިހާ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނުވަތަ މި ހާދިސާގައި ލިބުނު ގެއްލުމުގެ އެއްވެސް ތަފްސީލެއް މިހާތަނަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ނޫނު އަތޮޅުގައި ހިންގާ ސޮނެވާ ޖާނީ ރިސޯޓުގައެވެ. ނަމަވެސް، މިކަން ފުލުހުންގެ ފަރާތުން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
.

