ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުޙައްމަދު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިކަން ހާމަކުރައްވައި އަބްދުލްމަތީން ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް، މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް އޭނާ ހާމައެއް ނުކުރައްވައެވެ.
އަބްދުލްމަތީން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރެވުނީ 28 ނޮވެމްބަރު 2023 ގައެވެ. އޭނާއަކީ އެ ކުންފުނީގެ ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. އިލެކްޓްރިކަލް އިންޖީނިއަރިންގ ދާއިރާގެ ތަޖުރިބާކާރެއްގެ އިތުރުން، އޭނާ ވަނީ މީގެ ކުރިން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ސްޓެލްކޯގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައެވެ.
މިއަދަކީ ސަރުކާރުގެ މަސް ކުންފުނި (މިފްކޯ) ގެ މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރުވެސް މަގާމުން އިސްތިއުފާ ދެއްވި ދުވަހެވެ. މީގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވެސް ދާދި ފަހުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

