ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހިޔާ ފްލެޓްތަކުގެ ބައެއް ޓަވަރުތަކާއި ވިނަރެސް ޓަވަރުތަކުން މިއަދު ކަރަންޓު ކެނޑިއްޖެއެވެ.
މިކަން ސްޓެލްކޯއިން ވަނީ ކަށަވަރުކޮށްދީފައެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާ މަޝްރޫއުގެ 1 އިން 8 ވަނަ ޓަވަރާ ހަމައަށެވެ. މީގެ އިތުރުން ވިނަރެސްގެ ބައެއް ޓަވަރުތަކާއި ފަހިދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީކުރާ ފްލެޓްތަކުން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ.
ސްޓެލްކޯއިން ކަރަންޓު ކެނޑިފައިވާކަން ހުވަދޫމީޑިއާ އަށް ކަށަވަރުކޮށްދިން ނަމަވެސް، މިކަން މެދުވެރިވާން ދިމާވި ސަބަބުގެ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި ކަރަންޓު އަލުން ދެވޭނެ ވަގުތެއްވެސް އެ ކުންފުނިން ބުނެފައެއް ނުވެއެވެ.
އާންމުގޮތެއްގައި މަރާމާތުގެ މަސައްކަތެއް ނުވަތަ ކަރަންޓު ވިއުގަ ވަރުގަދަކުރުމުގެ މަސައްކަތެއް ކުރާނަމަ، ސްޓެލްކޯއިން ދުރާލާ އެކަން އާންމުންނަށް އަންގައެވެ. ނަމަވެސް މިގޮތަށް ދުރާލާ އެންގުމެއް ނެތި މާލެއާއި ހުޅުމާލެއިން ވެސް ކަރަންޓު ކެނޑުމުގެ މައްސަލަތައް ދޭތެރެއަކުން ދިމާވެއެވެ. އެހެންނަމަވެސް މާގިނަ އިރުތަކެއް ނުވެ ކަރަންޓުގެ ހިދުމަތް ލިބޭކަންވެސް ފާހަގަ ކޮށްލެވެއެވެ.

