ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސީނާންގެ މެންބަރުކަން ގެއްލުނީ، ސާބިތު ދަރަންޏެއް އޮވެ، ކޯޓުގެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާ ކުރަމުން ނުދިޔުމުގެ މައްސަލައިގަ އެވެ. މި މައްސަލައަކީ މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ. ގާނޫނުއަސާސީގައިވާ ގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭތާ 60 ދުވަސް ތެރޭ ބައި-އިލެކްޝަން ބާއްވަން ޖެހޭއިރު، ފަސް ދުވަސް ތެރޭ އިންތިހާބަށް ކުރިމަތިލާން ހުޅުވާލަން ޖެހެ އެވެ.
މި ބައި-އިލެކްޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސޯދިގު ވިދާޅުވީ، ދާއިރާއަށާއި ގައުމަށް ހިދުމަތްކޮށްދިނުމުގެ ބޭނުމުގައި އިންތިހާބުގައި ވާދަކުރެއްވުމަށް ގަސްތުކުރައްވާ ކަމަށެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށްޓަކައި ޕާޓީގެ ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. “ދެން ސިޔާސީ ކަންކަމުގައި އުޅޭ އިރު، އަބަދު ވެސް ކުރިއެރުމަށް ކޮންމެ މީހަކު ވެސް ވިސްނާނެ. އެގޮތުގެ މަތިން އަޅުގަނޑު ވެސް މި ހުރީ، އަޅުގަނޑު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަ ކުރަން ތައްޔާރަށް،” އެމްޑީޕީގެ ހިތަދޫ އުތުރު ދާއިރާގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ސޯދިގު ވިދާޅުވި އެވެ.
ސޯދިގު ވިދާޅުވި ގޮތުގައި ޕާޓީއަށް މި ގޮނޑި ހޯދައިދިނުމަށްޓަކައި އޭނާ ވާދަކުރެއްވުމަށް އާންމު މެންބަރުން ވެސް ދަނީ އެދެމުންނެވެ. މި ހުކުމާ އެކު އައްޑޫގެ އެމްޑީޕީ ބައެއް ސަޕޯޓަރުން ވަނީ އެ ގޮނޑި ސޯދިގަށް ކާމިޔާބުކޮށްދިނުމަށް މިހާރު ވެސް ސޯޝަލް މީޑިއާގައި ކެމްޕެއިން ފަށާފަ އެވެ.
20 ވަނަ މަޖިލީހަށް ސިނާން އިންތިހާބުވީ، މަޖިލީހުގެ ކުރީގެ ރައީސް އަދި ހަތަރު ދައުރު މެންބަރުކަން ކުރެއްވި މުހައްމަދު އަސްލަމްއާ ވާދަކުރައްވައިގެންނެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި، އަސްލަމް މި ބައި-އިލެކްޝަންގައި ވާދައެއްނުކުރައްވާނެ އެވެ. އަދި އަސްލަމްގެ ތާއީދު ވެސް އޮތީ ސޯބެ އަށް ކަމަށް މައުލޫމާތު ލިބެ އެވެ.

