މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިޔަ ނަމަވެސް، ރާއްޖެއަށް ތެލާއި ގޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ސަރުކާރުގެ ވަޒީރުންގެ ކޮމިޓީން ހާމަކޮށްފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު އަދި މާލީ ވަޒީރު މޫސާ ޒަމީރު ވަނީ މިކަމުގެ ޔަގީންކަން ދެއްވާފައެވެ.
އިގްތިސާދީ ވަޒީރު ސައީދު ވިދާޅުވީ، ތެލާއި ގޭހުގެ ޝިޕްމަންޓްތައް ގެނައުމަށް ކުރިން ރޭވިފައިވާ ޝެޑިއުލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ޑީސަލް، ޕެޓްރޯލް އަދި ކައްކާ ގޭސް (އެލް.ޕީ.ޖީ) ގެ ޝިޕްމަންޓްތައް އޭޕްރިލް، މޭ އަދި ޖޫން މަހުގެ ނިޔަލަށް ލިބޭނެ ތާރީޚުތައް އިގްތިސާދީ ވަޒީރު ސައީދު ވަނީ ތަފްސީލުކޮށް ހިއްސާކުރައްވާފައެވެ.
މިފަދަ ދަނޑިވަޅެއްގައިވެސް ތަކެތި ލިބުމުގެ ދަތިކަމެއް ކުރިމަތިނުވީ ސަރުކާރުން ކުރިއާލާ މިކަމަށް ތައްޔާރުވެ އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށްވެސް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަޒީރު ސައީދު ސިފަކުރެއްވިއެވެ.
މީގެ އިތުރުން ތެލާއި ގޭހުގެ ޝިމްޕަންޓްތައް ގެނައުމަށް މިހާރުވެސް ޝެޑިއުލްކުރެވިފައިވާކަން ފާހަގަކުރައްވައި އިގްތިސާދީ ވަޒީރު ސައީދު ވިދާޅުވީ، ޖޫންމަހުގެ ނިޔަލަށް ޝިޕްމަންޓްތައް ގެނައުމަށް ތާވަލްކުރެވިފައިވާ ކަމަށެވެ.
“ޑީސަލް އަށް މިހާރު އަޅުގަނޑުމެންނަށް ލިބިފަ ހުރި ތާރީހުތަކުގައި އޭޕްރިލް މަހުގެ 12، 18، 24 އަދި 7 މެއި، 15 މެއި ގައިވެސް ޝިޕްމަންޓްތައް ތާވަލު ކުރެވިފައި އެބަހުރި. ޕެޓްރޯލަށް ބަލައިފިކަމަށް ވަންޏާ 18 އޭޕްރިލް، 27 އޭޕްރިލް، 15 މެއި، 2 ޖޫން، 21 ޖޫން، މިހެން ގޮސް ހަމަ ޝެޑިއުލްތަކެއް އެބައޮތް. އެލް.ޕީ.ޖީ އަށް ބަލައިފި ކަމަށްވަންޏާ 22، 23 އޭޕްރިލް ހިސާބުގަ އަނެއްކާވެސް ހަމަ ޝިޕްމަންޓްތަކެއް އެބަހުރި،” އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު
ވަޒީރު ސައީދު ވިދާޅުވީ މިއީ ކުރިން މިކަމަށް ތައްޔާރުވެ އެޅިގެންދިޔަ ފިޔަވަޅުތަކުގެ ނަތީޖާ ކަމަށާއި، އެކަމުގެ ހެޔޮ އަސަރުތައް އިގްތިސާދުން ފެންނަމުންދާކަމަށެވެ.
މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ތެލުގެ އަގުތަކަށް އަންނަ ބަދަލު ބަލަމުން ގެންދާކަމަށާއި، މިފަހުން ތެލުގެ އަގު ހެޔޮވިނަމަވެސް، މަޝްރަހް މިހާރު ހުރިގޮތުން އަގުތަކަށް ބޮޑު ބަދަލެއް އަންނާނޭކަމަށް އަދި ނުބެލެވެކަމަށެވެ. ވަޒީރު ވިދާޅުވީ، ތެލުގެ އަގު ބޮޑުވެ، ކުރަންޖެހޭ ހަރަދާއި، އާމްދަނީ ދަށަށްދާތީ، ބެލެންސް ކުރުމަށް ކުރަންޖެހޭ ކަންކަން ކަމާބެހޭ ބައިނަލްއަޤްވާމީ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުރާ އަސަރު ކުޑަކުރުމަށާއި، އާމްދަނީއާއި ޚަރަދު ބެލެންސް ކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“ދަންނަވާލަން ބޭނުން، މި އަނެއް ތެލުގެ އަގަށް ބޮޑުވެގެން މިއައި އައުމާއި ސަރުކާރަށް ލިބެންޖެހޭ އަދި އޮޓޮލް ރެވެނިއު ދަށްވަމުންދާތީ މި އަންނަ ބެލެންސަށް އަޅުގަނޑުމެން މަސައްކަތް އެބަ ކުރަން. ކުރިންވެސް އަޅުގަނޑު ދަންނަވާލިހެން އަނެއް ބައެއް ކަހަލަ މަލްޓިލެޓަރަލް އޭޖެންސީތަކުން އަޅުގަނޑުމެންނަށް އެގޮތަށް ޓެޕްކުރެވެން ހުރި ފައިނޭންސް ޓެޕްކޮށްގެން މަސައްކަތް އެބަ ކުރަން. އެހެންވީމަ މިވަގުތަށް އަޅުގަނޑު ދަންނަވާލަން އޮތީ ހަމަ ދަތިކަމެއް ނެތި އަޅުގަނޑުމެންގެ މިހާރު އޮތް ޝެޑިއުލާ އެއްގޮތަށް ތެލާއި ކާޑުގެ ބާވަތްތައް ގެނައުމުގެ ކަންތައްތައް ކުރިއަށް ދާނެ ކަމަށް.” މާލީ ވަޒީރު މޫސާ ޒަމީރު
މެދުއިރުމަތީގައި ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކާ ގުޅިގެން ތެލުގެ އަގަށް ބައެއް ބަދަލުތައް އައި ނަމަވެސް، އަދި ސާފުކުރި ތެލުގެ އަގަށް ބޮޑު ބަދަލެއް އައިސްފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ކޮންމެ ހާލަތެއްގައިވެސް ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑުގެ ބާވަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ސަރުކާރުން ކަށަވަރުކޮށްފައިވާ ކަމަށް ވަޒީރުންގެ ކޮމިޓީން ވަނީ ވިދާޅުވެފައެވެ.

