އީ-ފާސް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭހަށް އޯޑަރުކުރެވޭނެ އިންތިޒާމު ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހަމަޖައްސާފައެވެ. މި އައު ނިޒާމުގެ ސަބަބުން ބޭސް ސިޓީތަކަށް އޯޑަރު ދިނުމާއި ބޭސް ހޯދުމުގެ މަރުހަލާ ރައްޔިތުންނަށް އިތުރަށް ލުއިފަސޭހަވެގެންދާނެއެވެ.
އެމްއެމްޓީވީގެ “އަދާހަމަ” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް ވިދާޅުވީ، މި ޕްލެޓްފޯމް މެދުވެރިކޮށް ބޭސް ސިޓީ އަޕްލޯޑްކުރުމާއި، ބޭހަށް އޯޑަރު ދިނުމުގެ އިތުރުން، އޯޑަރު ޑެލިވަރީގެ ކަންކަން އެއް ތަނަކުން ބަލައިލެވޭނެ ކަމަށެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ސިއްހީ ހިދުމަތްތައް ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ބަލިމީހުންނަށް ބޭނުންވާ ބޭސް ފަސޭހަކާމާއެކު ފޯރުކޮށްދިނުމަށް ސްޓޭޓްފާމާއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އެ ކުންފުނިން ވަނީ 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ހޮޓްލައިން ނަންބަރެއް ކަމަށްވާ 1505 ވެސް ތައާރަފްކޮށްފައެވެ. މި ހޮޓްލައިންގެ މައިގަނޑު މަގްސަދަކީ، މުހިންމު ބޭސްތައް ހޯދުމުގައި އާންމުންނަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ޑރ. ޝާހް ފާހަގަކުރެއްވި ގޮތުގައި، ސްޓޭޓްފާމާ އިން ތައާރަފްކޮށްފައިވާ މި ދެ ހިދުމަތުން ވެސް ރައްޔިތުންނަށް ބޭހާ ގުޅުންހުރި ގިނަ ކަންތައްތަކުގައި ބޮޑެތި ލުއިތަކެއް ލިބޭނެއެވެ. “މި ދެ ހިދުމަތުގެ ބޭނުމަކީވެސް މުޅި ރާއްޖޭގައި ބޭސް ލިބުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ލުއި ފަސޭހަކާމާއެކު ޢާންމުންނަށް ބޭސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން،” އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ބޭސް ލިބުމުގެ ނިޒާމު ހަރުދަނާކޮށް، ދެެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެކަން ކަށަވަރު ކުރުން ކަމަށް ޝާހް ވިދާޅުވިއެވެ. ސްޓޭޓްފާމާއިން މިހާރު އަންނަނީ ބޭސް ލިބުމުގައި ހުރި ދަތިތައް ނައްތާލުމަށްޓަކައި ޒަމާނީ ނިޒާމެއް ބިނާކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

