ހުޅުމާލޭގައި ބިނާ ކުރުމަށް ތައްޔާރުވަމުންދާ ބޮޑު މިސްކިތުގެ މަޝްރޫއާއި ގުޅޭ ގޮތުން އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުއާއެކު އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި ބޮޑު މިސްކިތުގެ މަޝްރޫއަށް ފައިނޭންސް ކުރުމަށް ސައުދީ އަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި މުހިންމު މަޝްރޫއެކެވެ.
މި މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތާވަލުކޮށްފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ. މި މަޝްރޫއުގެ ދަށުން ބިނާކުރާ ކޮމްޕްލެކްސްގައި ހަމައެކަނި މިސްކިތެއްގެ އިތުރުން، ވަޤުފު ބިނާތަކާއި، ކޮމާޝަލް ބިލްޑިންގް އަދި ޕާކިންގެ ހިދުމަތް ވެސް ހިމެނޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެ އިތުރުން، މި ބިނާގައި ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމު ވަސީލަތްތައް ގާއިމުކުރެވޭނެއެވެ. މިނިސްޓްރީން ވިދާޅުވީ މި ކޮމްޕްލެކްސްގައި ހިމެނޭ ވަޤުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރާނީ ރާއްޖޭގެ އިސްލާމީ ކަންތައްތައް ކުރިއެރުވުމަށް ކަމަށެވެ.
މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެއެވެ. މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި (ފޭސް 2) އަދި ތިންވަނަ ފިޔަވަހި (ފޭސް 3) ގުޅޭ ސަރަހައްދުގައެވެ.

