ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އިތިއޯޕިއަން އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާ ފްލައިޓުތަކުގެ ތެރެއިން 626 ފްލައިޓު ކެންސަލްވެފައިވީ ނަމަވެސް، ސަރުކާރުން ދަނީ އިތުރު އެއާލައިންތައް ރާއްޖެއަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން، އިތިއޯޕިއާއާއެކު އެއާ ސާވިސް އެގްރިމެންޓެއްގައި ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ސޮއިކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އައު އެއާލައިންތަކާއި ދަތުރުތައް އިތުރުވުން
އައު އެއާލައިންތައް ގެނައުމުގެ މަސައްކަތުގެ ދަށުން، އޯގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބެލަރޫސްގެ ބެލަވިއާ އެއާލައިންގެ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޮސްޓްރޭލިއާ ދަތުރުތައް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިހާރު ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ތެރެއިން ޤަތަރު އެއާވޭސް އަދި އެމިރޭޓްސްގެ ދަތުރުތައް އަލުން އިޔާދަވަމުންދާއިރު، އީޑްލްވައިސް، އެއާ އޭޝިއާ، އެއާ އިންޑިއާ އަދި ޓާކިޝް އެއާލައިންގެ ފްރީކުއެންސީތައް ވަނީ އިތުރުކުރެވިފައެވެ. މި ބަދަލުތަކާއެކު ފާއިތުވި ހަފުތާގައި ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު 25 އިންސައްތަ އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދާއިރާއަށް ހުރި ގޮންޖެހުންތައް
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ޖެޓް ފިއުލްގެ އަގު ބޮޑުވެ، އެއާލައިންތަކުގެ ޓިކެޓުގެ އަގު ގާތްގަނޑަކަށް 40 އިންސައްތަ އުފުލިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ ދަތުރުތައް އިތުރުކޮށް، އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުން ކަމަށް ވަޒީރު މުހައްމަދު އަމީން ވިދާޅުވިއެވެ.

