ވޭޕް ބޭނުންކުރުމާއި، ގެންގުޅުމުގެ ކުށުގައި ނިމިދިޔަ މަހު އެކަނިވެސް ޖުމްލަ 407,000 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވޭޕާއި އީ-ސިގިރޭޓާ ގުޅުންހުރި ގިނަ މައްސަލަތަކެއް ފާއިތުވި މަހު ވަނީ ބަލާފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ނިމިދިޔަ މަހު ވޭޕް ކުރުމާއި އެފަދަ ތަކެތި ގެންގުޅުމާ ގުޅޭ ޖުމްލަ 20 މައްސަލައެއް ވަނީ ތަހުގީގުކޮށްފައެވެ. މި މައްސަލަތަކުގައި ޖުމްލަ 82 މީހަކު ހިމެނޭއިރު، އެ ހުރިހާ އެންމެންވެސް ވަނީ ގާނޫނީ އިމުގެ ތެރެއިން ޖޫރިމަނާ ކޮށްފައެވެ.
މައްސަލަތަކުގެ ތަފްސީލް
މިދިޔަ މަހު ފުލުހުން ބެލި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ވޭޕާއި އީ-ސިގިރޭޓު ގެންގުޅުނު 7 މައްސަލައަކާއި، ބޭނުންކުރި 9 މައްސަލައެއްގެ އިތުރުން ވޭޕްގެ ވިޔަފާރިކުރި 1 މައްސަލައަކާއި ވޭޕާ ގުޅުންހުރި އެހެނިހެން 3 މައްސަލައެކެވެ.
ޖޫރިމަނާގެ ތަފްސީލަށް ބަލާއިރު، ވޭޕް ބޭނުންކޮށްގެން 52 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. މި މީހުން ޖުމްލަ 269,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. މީގެ އިތުރުން ވޭޕް ގެންގުޅެގެން 30 މީހަކު ޖޫރިމަނާކޮށްފައިވާއިރު، އެ މީހުން ޖުމްލަ 138,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
ރާއްޖޭގައި ވޭޕް ކުރުމާއި ވޭޕްގެ ވިޔަފާރިކުރުން މަނާކުރުމަށް ސަރުކާރުން ނިންމާފައިވާ މި ދަނޑިވަޅުގައި، ފުލުހުން ދަނީ މިފަދަ މައްސަލަތައް ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

