ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން، 1 މާރިޗް 2026 އިން ފެށިގެން ކަނޑައަޅުއްވާފައިވާ އުޞޫލުގެ މަތިން ގަވާއިދުން ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. މި ނިންމެވުމަކީ ސަރުކާރުގެ މަސައްކަތްތަކުގެ މަޢުލޫމާތު ހާމަކުރުމާއި މީޑިއާއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
ނޫސްވެރިންނާ ބައްދަލުކުރެއްވުން ކުރިއަށް ގެންދަވާނެ ގޮތާ ބެހޭގޮތުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީޑިއާއާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މުހިންމު ނިންމެވުމެއް އިޢުލާނު ކުރައްވާފައެވެ. އެގޮތުން، މީޑިއާތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވުމަށްޓަކައި، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ، “މީޑިއާއާ އަޅުގަނޑު ބާއްވަމުން އަންނަ ގާތް ރަހްމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، އާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން،” މިފަދައިންނެވެ.
ނަމަވެސް، ރަސްމީ ދަތުރުފުޅެއް ކުރައްވަން ޖެހިވަޑައިގަތުން، ބަންދު ދުވަހަކާ ދިމާވުން ނުވަތަ އެ ނޫންވެސް ޝެޑިއުލަށް ބަދަލު އަންނަ ފަދަ ޒަރޫރީ ކަމެއް މެދުވެރި ނުވާހާ ހިނދަކު، މި ބައްދަލުވުންތައް މެދުނުކެނޑި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. މިއީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ނޫސްވެރިންނަށް މިފަދަ ގަވާއިދުން ފުރުޞަތު ހުޅުވާލެވޭ ފުރަތަމަ ފަހަރެވެ.
އިސް ތަރުޖަމާނު ހީނާ ވަލީދު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާތަކުގައިވެސް މި އުޞޫލާ އެއްގޮތްވާގޮތުގެ މަތީން ނޫސްވެރިންގެ ބައްދަލުވުންތައް ތާވަލުކުރެވެމުންދާނެ ކަމަށެވެ. މި ބައްދަލުވުންތަކުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫޢުތަކާ ގުޅޭގޮތުން ނޫސްވެރިން ކުރަން ބޭނުންވާ ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޖަވާބު ލިބިގެންދާނެއެވެ.

