މާލޭ ރާޅުގަނޑު ސަރަހައްދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ފެށުން ލަސްވީ އެތަނުގެ ބޮޑުމިނާއި އިމާރާތުގެ އޮނިގަނޑު ކޮންކްރީޓަށް ބަދަލުކޮށް، ކުރެހުމަށް ބަދަލުތަކެއް ގެނައުމުގެ ސަބަބުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، އެތަނުގެ ބޮޑުމިނަށް މިހާރު 50 ފޫޓު އިތުރުކޮށްފައިވާ ކަމަށެވެ. ކުރިން އެތަން އަޅަން ނިންމާފައިވަނީ “ޕްރީ ފެބްރިކޭޓެޑް” ސްޓްރަކްޗައަކަށް ނަމަވެސް، ސާފިން އެސޯސިއޭޝަނާއި، މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަނާ މަޝްވަރާކުރުމަށްފަހު މިހާރު ވަނީ ކޮންކްރީޓް އޮނިގަނޑަކަށް ބަދަލުކޮށްފައެވެ.
“ސާފިން ސްޓޭޑިއަމްގެ މަސައްކަތް ފެށުން ލަސްވީ ކުރީގައި ޑިޒައިން ކުރިވަރަށްވުރެ ބޮޑުކޮށްފައި އަދި ކޮންކްރިޓް ސްޓްރަކްޗައަކަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި. އެހެންނަމަވެސް މިހާރު އެވަނީ ހަމަ އެ ކޮންޓްރެކްޓަރާ މަޝްރޫއު ހަވާލުކުރެވިފައި،” ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ މި މަސްތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އިމާރާތުގެ އޮނިގަނޑު ކޮންކްރީޓަށް ބަދަލުކުރަން ނިންމީ އެއީ ލޮނުގެ އަސަރު ބޮޑު ސަރަހައްދަކަށް ވުމުން، ތަނުގެ މެއިންޓަނަންސަށް ހިނގާ ހަރަދު ކުޑަކުރުމަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނާއެވެ. އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 18 އޭޕްރީލް 2024 ގައެވެ.
މި ސްޓޭޑިއަމްގައި ކުޅިބަލާ މީހުންނަށް ހާއްސަ ސަރަހައްދަކާއި، ރޮސްޓްރަމާއި، މީޑިއާ ސަރަޙައްދާއި، ކޮމެންޓަރީ ބޮކްސްގެ އިތުރުން ޖިމް، މަލްޓިޕާޕަސް ހޯލް އަދި ކޮންފަރަންސް ރޫމް ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭނެއެވެ. މި މަޝްރޫއަށްޓަކައި އެ ސަރަހައްދުގައި ހުރި ބްރިޖް ވިއު ޕްލެޓްފޯމް ރޫޅާލުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުގެ 25 ގައި ވަނީ ފަށާފައެވެ.
މި ސްޓޭޑިއަމް ނިމުމުން ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ރާޅާއެޅުމުގެ މުބާރާތްތައް ބޭއްވުމަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ގާއިމުވެ، މޫދު ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

