މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ގެއެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދިޔަ ބިދޭސީއަކު ހޮނިހިރު ދުވަހުގެ ރޭ މަރުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ އިރުއޮއްސޭހާއިރު މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގައެވެ. 10 ވަނަ ފަންގިފިލާއިން ވެއްޓި މަރުވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އެ މީހާ ވެއްޓިފައިވަނީ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށެވެ. އެ ހާދިސާއާ ގުޅިގެން ލިބުނު ސީރިއަސް އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މަރުވި ބިދޭސީ މީހާގެ އާއިލާއިން އެދިގެން، އޭނާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

