މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ސެގްމެންޓް 5 ގެ ކީ ވޯލް ޖެހުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ސެގްމެންޓް 5 ގެ ދަށުން ކީ ވޯލް ޖެހުމަށް ތައްޔާރުވަމުން އަންނައިރު، އެ ސަރަހައްދުގައި ކާބް ސްޓޯން ޖެހުމާއި ފެން ހިންދާ ޓޭންކުތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިއީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.
ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، މި ހަފްތާގެ ތެރޭގައި ފެން ހިންދާ ކާނުތައް ހެދުމާއި ކޭބަލް ޖަންކްޝަންތައް ހެދުމުގެ އިތުރުން ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެމްޑަބްލިއުއެސްސީއާ ގުޅިގެންނެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، މަގުގައި ތާރު އެޅުމާއި، ސަބްބޭސް ތައްޔާރުކުރުމާއި، ހިނގާ މީހުންނަށް ހާއްސަ ލޭނެއް ގާއިމުކުރުމުގެ އިތުރުން ފެންހިންދާ ނިޒާމެއްވެސް ގާއިމުކުރެވޭނެއެވެ.
ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ހެންވޭރު ޓާމިނަލުން ފެށިގެން އިއްޒުއްދީން ޖެޓީއާ ހަމައަށް ކުރިއަށްގެންދާ މަސައްކަތެކެވެ. އެމްޓީސީސީގެ އަމާޒަކީ ބޮޑުތަކުރުފާނު މަގުގެ ހުރިހާ މަސައްކަތްތަކެއް އަންނަ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމެވެ.

