މާލެ، ހުޅުލެ، އަދި ހުޅުމާލެ ގުޅުވާލާ ހަލިމަގުގައި ރޭސިން ޓްރެކް އެޅުމަށް ހިއްކާ ސަރަހައްދަށް ބޭނުންވާ ބޮޑު ހިލަ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރޭސިން ޓްރެކް ހެދުމަށްޓަކައި އެތަނަށް ބޭނުންވާ ބޮޑު ހިލަ ގެނައުމުގެ މަސައްކަތް އެސްޓީއޯ މެދުވެރިކޮށް، އެމްޓީސީސީން ކުރިއަށް ގެންދާ ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދެވެން އޮތީ ހިލަ ލިބިގެންނެވެ.
“އެކަން ކުރުމަށް އެތަން ހިއްކެން އޮތީ ހިލަ ލިބިގެން، މިހާރު އޮތް ގޮތަށް ހިއްކައިފިއްޔާ ހިއްކާ ވެލިކޮޅި ގިރިގެންދާނެ” ވަޒީރު ވިދާޅުވިއެވެ. އެތަނަށް ބޭނުންވާ ހިލަ ގެނައުމުގައި ބައެއް ލަސްތަކެއް ކުރިމަތިވި ނަމަވެސް، މިހާރު އެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަން ވަޒީރު ކަށަވަރުކޮށްދެއްވިއެވެ.
މި މަޝްރޫއުގެ ދަށުން ރޭސިން ޓްރެކް އަޅާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ. މި މަޝްރޫއުގެ ދަށުން ހުޅުލެކޮޅުން ޓްރެފިކް ލައިޓާ ދިމާ ކައިރިން އުތުރަށް ދެ ކިލޯމީޓަރުގެ ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މާލެ ސަރަހައްދުގައި ރޭސިން ޓްރެކެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ އޮގަސްޓު މަހުއެވެ. އަދި މިއަހަރުގެ ބަޖެޓުގައި ރޭސިން ޓްރެކްތަކެއް އެޅުމަށް 2.4 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

