ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން އިއްޔެ ކަރަންޓު ކެނޑި، އަށް ގަޑިއިރަށްވުރެ ގިނަ އިރުވީ ބަޔަކު އިމާރާތް ކުރުމުގެ މަސައްކަތް ކުރަނިކޮށް ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މި ހާދިސާއާ ގުޅިގެން، މަގު ކޮނުން ފަދަ މަސައްކަތްތައް ކުރާއިރު ބިމު އަޑީގައިވާ ކޭބަލްތަކަށް ސަމާލުވުމަށް އެ ކުންފުނިން މިރޭ ވަނީ އިލްތިމާސްކޮށްފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން އިއްޔެ ކަރަންޓު ކެނޑިފައިވާ ކަމަށް ރިޕޯޓުކުރަން ފެށީ ހަވީރު 15:30 ހާއިރެވެ. ފުރަތަމަ ކަރަންޓު ކެނޑުނީ ހިޔާގެ އަށް ޓަވަރަކާއި ވިނަރެސްގެ ބައެއް ޓަވަރުތަކުންނެވެ. ނަމަވެސް މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމުގެ ސަބަބުން، އިތުރު ޓަވަރުތަކުން ވެސް ފަހުން ކަރަންޓު ކެނޑިފައިވާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން މައުލޫމާތު ދީފައިވެއެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި، އިއްޔެގެ މި ހާދިސާގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ދެވަނަ ފިޔަވަހީގައި ބަޔަކު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެންނެވެ. މި މައްސަލަ ހައްލުކޮށް ހުރިހާ ޓަވަރަކަށް ކަރަންޓު ދެވިފައިވަނީ ރޭގެ 23:30 ހާއިރުއެވެ.
މިކަމާ ގުޅިގެން ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މަގު ކޮނުމާއި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު ބިމު އަޑިން އަޅާފައިވާ ކަރަންޓު ކޭބަލްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. “އެގޮތަށް ސަމާލުވުމުން، އިއްޔެ ހިނގި ފަދަ ހާދިސާތަކުގެ ސަބަބުން ކުންފުންޏަށާއި އާންމު ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާއި ލިބޭ ގެއްލުންތަކުން ސަލާމަތްވެވޭނެ،” ސްޓެލްކޯއިން ފާހަގަކުރިއެވެ.
ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާ ގުޅޭ ގޮތުން ސްޓެލްކޯއިން މިއަދު ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެކު މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފައެވެ. ގިނަ އާއިލާތަކެއް ދިރިއުޅޭ ހިޔާ ސަރަހައްދަށް އިއްޔެ ގިނަ ވަގުތުތަކެއް ވަންދެން ކަރަންޓު ނުލިބުމުގެ ސަބަބުން އާންމުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ.
ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ މިހާރު ވެސް ގިނަ ބަޔަކު އާބާދުވަމުންދާ އަދި އިމާރާތްކުރުމުގެ ގިނަ މަސައްކަތްތަކެއް ހިނގަމުންދާ ސަރަހައްދެކެވެ. މީގެ ކުރިން ވެސް އެކި މަސައްކަތްތަކުގެ ތެރެއިން ކޭބަލްތަކަށް ގެއްލުންވެ ކަރަންޓު ކެނޑުމުގެ ހާދިސާތައް ހިނގާފައިވާތީ، އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާ މެދު އާންމުންގެ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރެވެއެވެ.

