ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާތީ، އެ ދާއިރާގެ ބައި-އިލެކްޝަން ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އޭޕްރީލް 14 އިން ފެށިގެން އޭޕްރީލް 29 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ކުރިމަތިލާން އެދޭ ފަރާތްތަކުން އީ-މެއިލް މެދުވެރިކޮށް ނުވަތަ ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހެޅޭނެއެވެ. މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކަކީ 18 އަހަރު ފުރިފައިވާ، ދިވެހި މުސްލިމަކަށް ވާންޖެހޭނެއެވެ. އަދި ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މީހުންނާއި، ޖިނާއީ ބޮޑެތި ކުށްތަކުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ކުރިމައްޗެއް ނުލެވޭނެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، ކޯޓު ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކާފައިނުވާތީ އޭނާގެ މެންބަރުކަމުގެ ޝަރުތު އުނިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
މި މައްސަލައަކީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި 3.8 މިލިއަން ރުފިޔާގެ ލޯނެއް އަނބުރާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ، އާންމު ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން އިއްޔެ ވަނީ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިއްތިފާގުން ކަނޑައަޅާފައެވެ.

