މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށާއި އެ ކުންފުނީގެ ބޯޑު މެންބަރުކަމަށް ހުސައިން ފަހުމީ އައްޔަންކޮށްފިއެވެ. ފަހުމީ މި މަގާމަށް އައްޔަންކުރެއްވިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިހާރު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
ފަހުމީ މި މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުހައްމަދު މި މަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ހުސައިން ފަހުމީއަކީ މީގެ ކުރިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރެއްވުމަށްފަހު، އެމްޑަބްލިއުއެސްސީގެ މަގާމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ފަހުމީ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުގައެވެ. މިއީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.
އެމްޑަބްލިއުއެސްސީގެ އައު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ފަހުމީ ވަނީ އޭނާއަށް މި ފުރުސަތު ދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ރައީސް އޮފީހުގައި މަސައްކަތް ކުރެއްވި މުއްދަތުގައި އެ އޮފީހުގެ މުވައްޒަފުންނާއި އިސްވެރިން ދެއްވި އެއްބާރުލުން ފާހަގަކުރައްވައި އެ ބޭފުޅުންނަށްވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ހުސައިން ފަހުމީއަކީ ސްޓެލްކޯގެ އެކި ފަންތީގެ މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، ހަކަތައާއި ފެނުގެ ދާއިރާގެ ތަޖުރިބާކާރު އަދި ތައުލީމީ ގާބިލު ބޭފުޅެކެވެ.

