ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިދުމަތްކުރެއްވުމުގެ ފުރުސަތު ދެއްވީތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އާ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ޝުކުރު އަދާކުރައްވައިފިއެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު އައްޔަންކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ރައީސް އޮފީހުގެ ސްޓޭޓް، ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީހުގައި ހިދުމަތްކުރެއްވުމަށް ފުރުސަތު ދެއްވައި، އޭނާއަށް އިތުބާރު ކުރެއްވީތީ ރައީސް ޑރ. މުއިއްޒަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
މީގެ އިތުރުން، ރައީސް އޮފީހުގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި އެ އޮފީހުގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން ލިބިވަޑައިގަތް އެހީތެރިކަމާއި، އެ ބޭފުޅުން ދެއްކެވި ސާބިތުކަން ފާހަގަކުރައްވައި ފަހުމީ ވަނީ އެ ހުރިހާ ބޭފުޅުންނަށް ތާރީފުކުރައްވާފައެވެ. އޭނާ ވިދާޅުވީ “އެހައި ޕްރޮފެޝަނަލް، މަސައްކަތަށް ކަމޭހިތާ ޓީމަކާއެކު ރައީސަށް ހިދުމަތްކޮށްދެއްވަން ފުރުސަތު ލިބިވަޑައިގަތުމަކީ ލިބުނު ބޮޑު ފަހުރެއް” ކަމަށެވެ.
ރައީސް އޮފީހުގައި ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން ހާސިލުކުރެއްވުނު ކާމިޔާބީތަކާމެދު އުފާކުރައްވާކަން ފާހަގަކުރައްވަމުން، އެ އޮފީހަށާއި ހުރިހާ މުވައްޒަފުންނަށް ކުރިއަށް އޮތް ތަނުގައި އިތުރު ކާމިޔާބީއަށް ފަހުމީ ވަނީ އެދިވަޑައިގެންފައެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ ފަހުމީ އެމްޑަބްލިއުއެސްސީގެ ބޯޑު މެންބަރުކަމަށާއި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކޮށްފައެވެ. ފަހުމީއަކީ މި ސަރުކާރު ފެށުނުއިރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ފުރަތަމަ އައްޔަންކުރެއްވި ބޭފުޅާކަން ފާހަގަކޮށްލެވެއެވެ.

