ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، މުހިންމު ތިން މިނިސްޓަރަކު މަގާމުން ވަކިކުރައްވައިފިއެވެ. މި ބަދަލާ އެކު މަގާމުން ވަކިކުރެއްވި ވަޒީރުންގެ ތެރޭގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ އިތުރުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ހިމެނިވަޑައިގަންނަވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ބަދަލުތައް ގެނެސްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކުން ސަރުކާރު ހިންގާ ޕީއެންސީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެ އިންތިޚާބުތަކުގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.
މީގެ އިތުރުން، އިންތިޚާބުތައް އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ވެސް، ސަރުކާރުން ބޭނުންވި ގޮތާ ޚިލާފަށް ގިނަ ބަޔަކު ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ވޯޓު ދީފައެވެ. މި ނަތީޖާތަކާ ގުޅިގެން ސަރުކާރުގެ ސިޔާސީ މަސްރަހަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާކަން ފާހަގަކުރެވެއެވެ.
ކެބިނެޓްގެ އިތުރުން ސަރުކާރުން ވަނީ މި ފަހުން ދައުލަތުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންނަށް ވެސް ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ދީދީ އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާޙް ވެސް ވަނީ މި މަހުގެ ހަ ވަނަ ދުވަހު މަގާމުން ވަކިކުރައްވާފައެވެ.

