ދިވެހިރާއްޖޭގެ ދިފާއީ ވަޒީރުގެ މަގާމުގައި ހުންނެވި މުހައްމަދު ޣައްސަން މައުމޫން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޣައްސަން މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރުވެފައިވީ ނަމަވެސް، އެމަނިކުފާނު މަގާމުން ވަކިވެވަޑައިގަތް ސީދާ ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މި ދަނޑިވަޅަކީ ސަރުކާރުގެ އިސް މަގާމުތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ވަގުތެކެވެ. މި ބަދަލުތަކުގެ ތެރެއިން ބައެއް ވުޒާރާތަކުގެ ވަޒީރުންގެ ފެންވަރުގެ ބޭފުޅުންނަށް ވެސް ބަދަލުތައް އަންނަމުންދާކަން ފާހަގަކުރެވެއެވެ.
މި ފަހަކަށް އައިސް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މެނޭޖިންގް ޑިރެކްޓަރުން (އެމްޑީން) މަގާމުން ވަކިކޮށްފައިވާއިރު، ބައެއް ކުންފުނިތަކުގެ އިސްވެރިން ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ވެސް ދެއްވައިފައެވެ. ދިފާއީ ވަޒީރުގެ އިސްތިއުފާއަކީ މި ސިލްސިލާ ބަދަލުތަކުގެ ތެރެއިން އައި ބަދަލެއް ކަމަށް ބެލެވެއެވެ.

