ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަވައިފިއެވެ. އައު ވަޒީރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާފައިވާއިރު، ވަޒީރުންނަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުއެވެ.
މި ބަދަލުތަކުގެ ތެރޭގައި ކުރިން ތިއްބެވި ބައެއް ވަޒީރުންގެ ވުޒާރާތައް ބަދަލުކުރުމާއި އައު ބޭފުޅުން އައްޔަނުކުރުން ހިމެނެއެވެ. އެގޮތުން
އަލަށް އައްޔަނުކުރެއްވި ވަޒީރުންގެ މަޖިލިސް:
- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް- މޫސާ ޒަމީރު
- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ- ޢަލީ އިޙުސާން
- މިނިސްޓަރ އޮފް ފޮރިން އެފެއާޒް- އިރުތިޝާމް އާދަމް
- މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވޮލޮޕްމެންޓް- ޑރ. އިސްމާޢީލް ޝަފީޢު
- މިނިސްޓަރ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއަރ- ޤީލާ އަލީ
- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް- މުޙައްމަދު ސަޢީދު
- މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑަވަމަންޓްސް- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
- މިނިސްޓަރ އޮފް ޓުރިޒަމް އެންޑް ސިވިލް އެވިއޭޝަން- މުޙައްމަދު އަމީން
- މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް- ޢަބްދުﷲ ރާފިޢު
- މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް- ހީނާ ވަލީދު
- މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް- ޢަބްދުﷲ މުއްޠަލިބް
- މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ- ޢަލީ ޝަރީފް
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، ކެބިނެޓުގެ ދެބައިކުޅަ އެއްބައި ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމަށެވެ. މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ހަލުވިކަން އިތުރުކުރުމެވެ.

