ޔޫތު މިނިސްޓްރީ ސްޕޯޓްސް މިނިސްޓްރީގެ ދަށަށް؛ ޔޫތު އެމްޕަވާމެންޓް، ސްޕޯޓްސް އެންޑް ފިޓްނެސް މިނިސްޓަރަކަށް ރާފިޢު!
ޔޫތު މިނިސްޓްރީގެ މަސައްކަތްތައް ސްޕޯޓްސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، އެ މިނިސްޓްރީގެ ނަން “މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމެންޓް، ސްޕޯޓްސް އެންޑް ފިޓްނެސް” ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބަދަލުކުރައްވައިފިއެވެ. މި ބަދަލާއެކު، އެ މިނިސްޓްރީގެ ވަޒީރުކަމުގެ މަގާމަށް ޢަބްދުﷲ ރާފިޢު ވަނީ އައްޔަންކުރައްވާފައެވެ.
ރައީސް އޮފީހުން މި ނިންމުން ނިންމާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މި ބަދަލުގެ ދަށުން ކުރިން ވަކި ދެ މިނިސްޓްރީއެއްގެ ގޮތުގައި ހިންގަމުން އައި ޒުވާނުންނާ ބެހޭ ކަންކަމާއި ކުޅިވަރާ ބެހޭ ކަންކަން މިހާރު ވަނީ އެއް ފުރާޅެއްގެ ދަށަށް ގެނެވިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އާ މިނިސްޓްރީގެ ވަޒީރުކަމުގެ ފަތްކޮޅު ޢަބްދުﷲ ރާފިޢު އަށް ވަނީ އަރުވާފައެވެ. ރާފިޢު މި މަގާމަށް އައްޔަންކުރެއްވީ ކުރިން އޭނާ ހުންނެވި ކުޅިވަރާ ބެހޭ ވަޒީރުގެ މަގާމުގެ އިތުރުން ޒުވާނުންގެ ވުޒާރާގެ މަސްއޫލިއްޔަތުތައްވެސް ހިމެނޭ ގޮތަށެވެ.
މި ބަދަލު ގެންނެވިއިރު، ޔޫތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު (އަސްވާޑު) ވަނީ މިއަދުގެ ވަގުތެއްގައި އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

