ސަރުކާރުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އެއްކޮށްލައި، “މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމަންޓް” ގެ ނަމުގައި އައު ވުޒާރާއެއް އުފައްދަވައިފިއެވެ.
މި ބަދަލު ގެނެސްފައި މިވަނީ މިއަދު، ކުރިން ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަލީ ހައިދަރު ގެ އިތުރުން އަދިވެސް ގިނަ ވަޒީރުންތަކެއް މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ވަޒީރުންގެ މަޖިލިހަށް ގެނެވުނު ބަދަލުތަކުގެ ތެރެއިންނެވެ.
މި އައު ވުޒާރާގެ ވަޒީރުކަމަށް އައްޔަނުކުރައްވާފައިވަނީ ކުރިން އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އިސްމާޢީލް ޝަފީޢުއެވެ. ޑރ. އިސްމާޢީލް ޝަފީޢު މަގާމުގެ ހުވާކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މީގެ އިތުރުން، ކުރިން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ލޭބާ އެންޑް ސްކިލް ޑިވެލޮޕްމަންޓްގެ މަސައްކަތްތައް މިހާރު ވަނީ ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައެވެ. މި ބަދަލާއެކު އެ ވުޒާރާގެ ނަން “މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ” އަށް ބަދަލުކޮށް، އެ މަގާމަށް ޢަލީ އިޙުސާން ވަނީ އަލުން އައްޔަނުކުރައްވާފައެވެ.

