ސަރުކާރުގެ ހިންގުމަށް ގެނައި ބަދަލެއްގެ ދަށުން، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓާއި މިނިސްޓްރީ އޮފް ހެލްތު އެއްކޮށްލައި، އާ މިނިސްޓްރީއެއް އުފައްދަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ދެ މިނިސްޓްރީ އެއްކޮށްލެއްވުމަށްފަހު ދެއްވާފައިވާ ނަމަކީ “މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ” އެވެ.
މި އާ މިނިސްޓްރީގެ މިނިސްޓަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ގީލާ އަލީ އައްޔަންކުރައްވާފައެވެ. ގީލާ އަލީ މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ދިވެހިރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ. މި މަގާމަށް އޭނާ އައްޔަންކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބަދަލާ ގުޅިގެން، ކުރިން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އައިޝަތު ޝިހާމާއި، ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް ވަނީ މިއަދު އެ މަގާމުތަކުން އިސްތިއުފާ ދެއްވާފައެވެ.
ސަރުކާރުގެ ވުޒާރާތަކަށް މި ގެނައި ބަދަލަކީ އިޖުތިމާއީ އަދި ސިއްހީ ދާއިރާގެ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ހަރުދަނާކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މި ބަދަލާއެކު ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީގެ ހުރިހާ މަސައްކަތްތަކެއް ދެން ކުރިއަށްދާނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ.

