ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނު މުހައްމަދު ސިނާން، އެ ދާއިރާގެ ބައި-އިލެކްޝަންގައި އަނެއްކާވެސް ވާދަކުރައްވަން ނިންމަވައިފިއެވެ. ސިނާން މިކަން އިއުލާން ކުރެއްވީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓު ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވަމުންނެވެ.
ސިނާންގެ މަޖިލިސް ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ކަނޑައެޅީ އޭނާގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވުމުގެ ސަބަބުންނެވެ. މި ހުކުމާ ގުޅިގެން ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފައެވެ.
ސިނާން މިރޭ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް އޭނާ ނިންމާފައިވާ ކަމަށެވެ. “އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނާ ގުޅިގެން ބާއްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ޕްރައިމަރީގައި، މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅާއެކު ވާދަކުރުމަށް، އަޅުގަނޑު މުޙައްމަދު ސިނާން، ހުޅުދޫއާގެ /ސ. ހިތަދޫ، ނިންމާފައިވާ ކަން ނުހަނު އުފަލާއެކު އިޢުލާންކުރަން” ސިނާން ވިދާޅުވިއެވެ.
ސިނާން އިތުރަށް ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުމަށް އެދޭ ކަމަށެވެ. މިއީ އޭނާގެ ގޮނޑި ގެއްލުމަށްފަހު އަލުން އެ ގޮނޑި ކާމިޔާބު ކުރުމަށް ކުރައްވާ މަސައްކަތުގެ ފެށުމެވެ.
ޕީއެންސީން މިހާރު ވަނީ މި ބައި-އިލެކްޝަންގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ޕާޓީން ބުނި ގޮތުގައި ޕްރައިމަރީގައި ވާދަކުރުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 18:00 އެވެ.

