ސަރުކާރުގެ ވުޒާރާތަކަށް ގެންނެވި ބަދަލެއްގެ ދަށުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އެއްކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ. މި ދެ ވުޒާރާ އެއްކޮށްލުމަށްފަހު މިހާރު ހަމަޖައްސަވާފައިވާ ނަމަކީ “މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ” އެވެ.
މި ބަދަލާ ގުޅިގެން، އަލަށް އުފެއްދެވި މިނިސްޓްރީގެ ވަޒީރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަހުމަދު ޝިޔާމް އައްޔަންކުރައްވައިފައެވެ. ޝިޔާމް މިހާތަނަށް ހުންނެވީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރުގެ މަގާމުގައެވެ. މި މަގާމަށް އޭނާ އައްޔަންކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި އިސްލާހީ ބަދަލު ގެންނެވިއިރު، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުގެ މަގާމުގައި ހުންނެވި މަރިޔަމް މާރިޔާ ވަނީ މިއަދުގެ ވަގުތެއްގައި އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. މާރިޔާ އިސްތިއުފާ ދެއްވުމާ ގުޅިގެން، ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ މަސްއޫލިއްޔަތުތައް ވަނީ މަސްވެރިކަމާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރެވިފައެވެ.
ސަރުކާރުގެ މި ނިންމެވުމާއެކު، ރާއްޖޭގެ އިގްތިސާދީ މައިގަނޑު ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ދަނޑުވެރިކަން މިހާރު ހިންގަމުންދާނީ އެއް ފުރާޅެއްގެ ދަށުންނެވެ. މިއީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

