މ. މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ގްރޮއިން ޖެހުމުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 23 އޮގަސްޓް 2022 ގައެވެ. މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލުތައް ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ ގްރޮއިން ޖެހުމަށް ބޭނުންވާ ސަރަހައްދު ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ކުރިއެރުމަށް ބަލާއިރު، މިހާތަނަށް މުޅި މަޝްރޫއުގެ 6 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މިއީ މުލަކުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 343 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 539 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. މީގެ އިތުރުން 14,548.25 އަކަމީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޖުމްލަ 38.96 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.

