ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރަމުން އަންނަ ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުމަށް ބޭނުންވާ ކަރަންޓުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ފަރެސްމާތޮޑާގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިއަހަރުގެ މޭއި މަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބުގެ އަދާހަމަ ހާމަކުރަމުން އެ ކުންފުނިން ވިދާޅުވީ، މިހާރު ކުރިއަށްދަނީ ދަނޑުގައި ލައިޓްތައް ހަރުކުރުމަށްޓަކައި ބޭނުންވާ ކޭބަލް އެޅުމާއި ކަރަންޓުގެ އެހެނިހެން މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ފަރެސްމާތޮޑާގައި ގާއިމުކުރަނީ ބައިނަލްއަގުވާމީ ފުޓްބޯޅަ ފެޑެރޭޝަން (ފީފާ) އިން ކަނޑައަޅާފައިވާ ފެންވަރުގެ ޓާފް ދަނޑެކެވެ. މީގެ އިތުރުން ދަނޑުގައި ގޯލް ޕޯސްޓު ހަރުކުރުމާއި، ވަށައިގެން ފެންސު ޖެހުމުގެ އިތުރުން ކުޅުންތެރިންނަށް ބޭނުންވާ ހަތަރު ބެންޗު ބެހެއްޓުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ.
އެމްޓީސީސީން ފާހަގަކުރި ގޮތުގައި، ގާތްގަނޑަކަށް 1800 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑު ތަރައްގީކޮށް ނިމުމާއެކު، އެ ރަށުގެ ޒުވާނުންނަށާއި ރައްޔިތުންނަށް އިޖުތިމާއީ ގޮތުންނާއި ކުޅިވަރުގެ ދާއިރާއިން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

