މާލޭގެ ގެއެއްގައި ރަހުމު ކުޑަގޮތަކަށް މަރާލާފައިވާ ޝިޢާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ޢަލީ ޝާހިލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ޝާހިލްގެ މައްޗަށް ދައުލަތުން ޖުމްލަ ފަސް ދައުވާއެއް އުފުލާފައިވެއެވެ.
2022 ވަނަ އަހަރުގެ އޯގަސްޓު މަހު ހ. ޝީރީންވިލާގައި ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިޢާއުގެ މަރުގެ މައްސަލާގައި، ޝާހިލް ހައްޔަރު ކުރީ ސީދާ ކުށުގެ ވެށިންނެވެ. ޝިޢާއުގެ ހަށިގަނޑު ކޮށާލާފައި އޮއްވައި ފެނުނުއިރު، ފުލުހުން ވިދާޅުވެފައިވާ ގޮތުގައި އެ އަމަލު ހިންގުމަށް ބޭނުންކުރި އާލާތްތައް ވެސް އެތަނުން ފެނިފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރި ގޮތުގައި، ޝާހިލްގެ މައްޗަށް މިހާތަނަށް ސާބިތުވެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ. މި ދެ ދައުވާގެ ތެރެއިން ކެނެބިސް ބޭނުންކުރި މައްސަލާގައި އޭނާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ މައްސަލާގައި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އައިސްފައެވެ.
މި މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދާއިރު، ޝާހިލްގެ މައްޗަށް އުފުލާފައިވާ ބައެއް ދައުވާތައް ވެސް ވަނީ ސިއްރުކޮށްފައެވެ. ޝާހިލްގެ މައްޗަށް ކުރާ ފަސް ދައުވާގެ ތެރެއިން މިހާތަނަށް ހުކުމް ނުކޮށް ހުރި ދައުވާތަކުގެ ޝަރީއަތްތައް ކޯޓުގައި ކުރިއަށްދާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވި ނަމަވެސް، އެ ދައުވާތަކުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ޝިޢާއު މަރާލި މައްސަލައިގެ އިތުރު އަޑުއެހުންތަކެއް މި މަހުގެ ފަހުކޮޅު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި މައްސަލައަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި އެންމެ ރަހުމުކުޑަ އެއް މަރުގެ މައްސަލަކަން ފާހަގަކޮށްލެވެއެވެ.

