ގައުމީ އެއާލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް އަންނަ މަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ މޯލްޑިވިއަނުން މުޅިން އަލަށް އޮސްޓްރޭލިއާއަށް ފަށާ ދަތުރުތަކެކެވެ.
މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ބުނީ އެ ކުންފުނީގެ ދަތުރުތައް އަންނަ މޭ މަހުގެ 17 ވަނަ ދުވަހު އޮސްޓްރޭލިއާއަށް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ރާއްޖެއިން އޮސްޓްރޭލިއާއަށް މޭ 17 ގައި ދަތުރުކުރުމަށްފަހު، އޮސްޓްރޭލިއާއިން އަނބުރާ ރާއްޖެއަށް މި ފްލައިޓް އައުމަށް ހަމަޖެހިފައިވަނީ މޭ 19 ވަނަ ދުވަހުއެވެ.
މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ މެލްބާންއަށެވެ. މޯލްޑިވިއަނުން ވިދާޅުވި ގޮތުގައި ފެށުމެއްގެ ގޮތުން ހަފުތާއަކު އެއް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޑިމާންޑަށް ބެލުމަށްފަހު ދަތުރުތައް އިތުރުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވުމަށް މާރިޗު މަހުގެ 19 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސްއެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އިންޓަނޭޝަނަލް އޭވިއޭޝަންގެ އެސިސްޓަންޓް ސެކްރެޓަރީ ޖިމް ވޯލްފްއެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައިވާ "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އިތުރަށް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ދަތުރުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ދެ މަސްދުވަހު އޮސްޓްރޭލިއާއިން ރާއްޖެއަށް 6,526 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 1.4 އިންސައްތަ އިތުރު އަދަދެކެވެ. އާ ދަތުރުތަކާއެކު މި އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

