ގިރާވަރު ފަޅު ހިއްކުމުގެ މުޅި މަޝްރޫޢު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި، ގޯތީގެ ރެޖިސްޓްރީ ހަދައިދޭނީ ބިން ހިއްކާ ނިމުމުން ހިކިފަސް ބިމަށް ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތައް އޮންނަ ގޮތުން ބިމުގެ ރެޖިސްޓްރީ ހެދޭނީ ހިކިފަސް ތަނަކަށް ކަމަށެވެ. ނިމުނު ސަރުކާރުން ބިން ނުހިއްކާ ރެޖިސްޓްރީ ހަވާލުކުރުމުގެ ސަބަބުން އާންމުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ “ބިން ހިއްކާ ނިމެންވާއިރަށް، އެތަނުގެ ރެޖިސްޓްރީއާއި ގުޅޭ މަސައްކަތް މިހާރު މިދަނީ ކުރަމުން. ރެޖިސްޓްރީ ދޭނީ ހިއްކާ ނިންމާފައި” ކަމަށެވެ.
ގިރާވަރު ފަޅުން ޖުމުލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ނިމިފައި އޮތީ އެންމެ 54 ހެކްޓަރުގެ މަސައްކަތެވެ. ކުރީ ސަރުކާރުން މި މަސައްކަތް ހަވާލުކުރި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް މަސައްކަތް އެކަށީގެންވާ ދުވެލީގައި ކުރިއަށް ނުގެންދެވުމުން، މިހާރު މި މަސައްކަތް ކުރިއަށްދަނީ އެމްއޭސީއެލްގެ ބެލުމުގެ ދަށުންނެވެ.
މި މަޝްރޫޢުގެ ތަފްޞީލު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، 31 ޖެނުއަރީ 2024 ގައި އެމްއޭސީއެލްއިން ބާކީ ހުރި 97 ހެކްޓަރު ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރެއިން 44 ހެކްޓަރު މިހާރު ހިއްކާ ނިމިފައިވާއިރު، ބާކީ އޮތް 54 ހެކްޓަރު މި މަހުގެ ނިޔަލަށް ހިއްކާ ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.
ކުރީ ސަރުކާރުން ގިރާވަރު ފަޅުން 5000 ގޯތި ދޫކުރުމަށް ނިންމާފައި އޮތް ނަމަވެސް، އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަލާއިރު އެ އަދަދަށް ގޯތި ދެވެން ނެތުމުން 1114 ގޯތި ވަނީ ގުޅީފަޅަށް ބަދަލުކޮށްފައެވެ. މި ބަދަލު ގެނެސްފައިވަނީ އާންމުކޮށް އިޢުލާނުކޮށްގެން ފުރުޞަތު ހުޅުވާލައިގެންނެވެ. އާ ޕްލޭނާ އެއްގޮތަށް މިހާރު ވަނީ ގޯތިތަކުގެ ޕްލޮޓް ނަންބަރުތައްވެސް ކަނޑައަޅާފައެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ މަސައްކަތްތަކަކަށް ވާއިރު، މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމަނިކުފާނު ވަނީ ގިރާވަރު ފަޅު ހިއްކާ ސައިޓަށް ޒިޔާރަތްކުރައްވާ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

