ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެނީ އެ ބަޔަކު ދޭ ވޯޓަކަށް ބަލައިގެން ނޫން ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގައި އިދިކޮޅު ކައުންސިލަރުން އިންތިޚާބުވި ރަށްރަށުގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށްގެންދާނެތޯ މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިންތިޚާބުތަކުގެ ނަތީޖާއަކަށް ނުބަލާނެ ކަމަށާއި ހުރިހާ ރަށެއްގައިވެސް ފަށާފައިވާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ގާދިއްފުށި ކައުންސިލްގެ މެޖޯރިޓީ އިދިކޮޅަށް ލިބުމާ ގުޅިގެން އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މިހާރުވެސް އެ ރަށުގައި މަޝްރޫއުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ސަރުކާރުގެ ވިސްނުމަކީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭނީ ރައްޔިތުންދޭ ވޯޓަކަށް ނޫނޭ ކޮންމެހެނެއް. ސަރުކާރުން ކޮމިޓްމަންޓް ވެއްޖެއްޔާ އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރިއަށްގެންގޮސްދޭނަން،“ ޑރ. މުއްޠަލިބް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދާން ނިންމާ މަޝްރޫއުތައް އެ ރަށެއްގައި އޮންނަ ކައުންސިލެއްގެ ސަބަބުން ކުރިއަށްގެންދިއުމުގައި ބައެއް ފަހަރު ދަތިތަކާ ދިމާވެއެވެ. އެގޮތުން މާލޭގެ ބޭރު މަގު ހެދުމާއި އައު މާރުކޭޓު އެޅުމުގެ މަސައްކަތުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމާއި ޖަވާބު ނުލިބޭތީ ހުރަސްތައް ދިމާވާ ކަމަށް ވިދާޅުވިއެވެ.
ނިންމަވާލައްވަމުން މިނިސްޓަރ ވަނީ ސަރުކާރުން ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދޭން މަސައްކަތް ކުރާއިރު، ކައުންސިލްތަކުންވެސް އެ ފަރާތްތަކުގެ ޒިންމާ އަދާކޮށް މަޝްރޫއުތައް ހިންގުމަށް ސަރުކާރަށް ފުރުސަތު ފަހިކޮށްދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

