ލާމު އަތޮޅު ގާދޫގައި ބަންކަރިން ޚިދުމަތް ތަރައްޤީކުރުމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރަހައްދީ ބަނދަރުތައް ތަރައްގީކުރުމުގެ މަސައްކަތްތައް މިހާރު ވަރަށް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ.
ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ލާމު އަތޮޅު ގާދޫގައި ބަނދަރަކާއި ބަންކަރިން ޚިދުމަތް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. “ގާދޫ ސަރަހައްދުގައި ބަނދަރަކާއި ބަންކަރިން ޚިދުމަތް ޤާއިމްކުރުމަށް ޝައުގުވެރިވި ފަރާތްތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތްތައް މިހާރު މިދަނީ މަސައްކަތް ކުރަމުން. ސަރުކާރުގެ އަމާޒަކީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ލުއިފަސޭހަތަކެއް ފޯރުކޮށްދިނުން،” ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، އުތުރުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކުޅުދުއްފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބޮޑެތި ބޯޓުފަހަރަށް ބޭނުންވާވަރަށް ފަޅު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ބަނދަރަށް ޖާގަ އިތުރުކުރުމަށްޓަކައި ބިން ހޯދުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ބަނދަރަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި އެތަނަކީ ޑިއުޓީ ފްރީ ޒޯނެއްގެ ގޮތުގައި ތަރައްގީކޮށް، އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު ގިނަ އަދަދަކަށް ބެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ބަނދަރަށް އިތުރު ބަދަލުތައް ގެނައުމަށް ބައެއް ފަރާތްތަކުން ހުށަހެޅުންތައް ލިބިފައިވާ ކަމަށާއި، އެކަންކަން މިހާރު ހުރީ އިބްތިދާއީ މަރުހަލާގައި ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ދެކުނުގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫ ވިޔަފާރި ބަނދަރުގެ ޖާގަ ބޮޑުކުރުމާއި އިތުރު ހިދުމަތްތައް ތައާރަފުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އައްޑޫއަށް ސީދާ ކޮންޓޭނަރު ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

