ހދ. ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުން ދިޔަ ދިވެހި ފިރިހެނަކު، އެ ރަށުގެ މޫދު އަޑިން ފެނިއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އެ ރަށު ބަޑިފަސްގަޑުގެ، ސުލައިމާން ޙުސައިން (59އ) އެވެ.
ފުލުހުން ބުނީ، ކުޅުދުއްފުށި ސިޓީން 59 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިފައިވާ މައްސަލައެއް މިއަދު މެންދުރުފަހު 13:48 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުންނެވެ.
އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވަނީ މިއަދު ހަވީރު 15:00 އެހައިކަންހާއިރު އެ ރަށު ބޮޑަވަކިވާ ބީޗް މޫދު އަޑިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭނާ ފެނުމާއެކު ވަނީ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

