މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ (2026 އޭޕްރީލް 15 ވަނަ ދުވަހު) މިއަދު ހަވީރުގެ ވަގުތެއްގައެވެ.
މީޑިއާތަކަށް، ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ މީހާ ގޮޅިތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާގައި މަރުވެފައިވަނީ މާލެ، މ. ރޭއަލިވާގެއާގެ، އަޙްމަދު ނައުޝާދު (41އ) އެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ މި މައުލޫމާތު ހިއްސާކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

