ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް، މިނިސްޓަރުންގެ ފެންވަރުގައި، މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަން ކުރައްވައިފިއެވެ.
މި މަގާމަށް މުންދު އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ދިވެހިރާއްޖެއިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑއަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ.
މުހައްމަދު ހުސައިން ޝަރީފަކީ ސަރުކާރުގެ މަތީ މަގާމުތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން މީގެ ކުރިން ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި، ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފައިވެއެވެ.
މީގެ އިތުރުން މުންދު ވަނީ މީގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން 2005 އިން 2007 އަށް ޗީފް ގަވަރންމަންޓް ސްޕޯކްސްމަންކަން އަދި 2007 އިން 2008 އަށް ޕްރެޒިޑެންޝަލް ސްޕޯކްސްޕަރސަންކަމުގެ މަޤާމު ފުރުއްވާފައިވެއެވެ.
ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައި ވެސް މުންދު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

