ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ފ. އަތޮޅުގައި ފިއުލް ސްޓޭޝަނެއް ޤާއިމުކޮށް، ޚިދުމަތް ދޭން ފަށައިފިއެވެ.
މި ސްޓޭޝަން ޤާއިމުކޮށްފައިވަނީ ފ. ނިލަންދޫގައެވެ. މިއީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތުގެ ދަށުން ހުޅުވުނު ސްޓޭޝަނެކެވެ.
ސަރުކާރުގެ މި މަޝްރޫޢުގެ ދަށުން ޖުމުލަ 18 ރަށެއްގައި ފިއުލް ސްޓޭޝަން ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. ނިލަންދޫގެ ސްޓޭޝަނާއެކު، މިހާތަނަށް 5 ރަށެއްގައި މަސައްކަތް ނިންމައި ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މިހާތަނަށް ޚިދުމަތް ދޭން ފަށާފައިވާ ރަށްތަކަކީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ރ. ދުވާފަރު، ބ. އޭދަފުށި އަދި ފ. ނިލަންދޫ އެވެ.
މީގެ އިތުރުން ށ. މިލަންދޫ، ނ. މަނަދޫ، ވ. ފެލިދޫ، ތ. ހިރިލަންދޫ، އއ. މަތިވެރި، މ. މުލައް، ދ. ކުޑަހުވަދޫ، ލ. ގަމު އަދި ގދ. ފަރެސްމާތޮޑާ ހިމެނޭހެން އިތުރު ރަށްތަކެއްގައި ސްޓޭޝަންތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެސްޓީއޯގެ އަމާޒަކީ ކުރިއަށް އޮތް ދެ މަހެއްހާ މުއްދަތުގެ ތެރޭގައި މި މަޝްރޫޢު އެއްކޮށް ނިންމާލުމެވެ.
މާލެއެކޭ އެއްގޮތަށް އަތޮޅުތަކުން ހެޔޮ އަގުގައި ތެޔޮ ނުލިބުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ. ގިނަ އަތޮޅުތަކުގައި އަމިއްލަ ފަރާތްތަކުން ތެޔޮ ފޯރުކޮށްދޭއިރު، އާންމު ރޭޓަށްވުރެ އަގު ބޮޑުކޮށް ތެޔޮ ވިއްކާކަން ފާހަގަކުރެވެއެވެ. ސަރުކާރުގެ މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ މިކަމަށް ޙައްލެއް ހޯދައިދީ، ހުރިހާ އަތޮޅެއްގައިވެސް އެއް އަގެއްގައި ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
މީގެ ކުރިން އެފްއެސްއެމްގެ ޚިދުމަތް މާލޭގެ އިތުރުން ލިބެމުން އައީ އައްޑޫ ސިޓީ ގަން، ހުޅުމީދޫ، ފުވައްމުލައް ސިޓީ، ކޫއްޑޫ، ތިނަދޫ ސިޓީ އަދި ފެލިވަރުން އެކަންޏެވެ.

