ހދ. ކުޅުދުއްފުށިސިޓީގައި ދިގު ރުކަކުން ވެއްޓި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ރަށުގައި ހުރި ރުއްތަކެއް ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ހދ. ނޭކުރެންދޫއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވެއްޓިފައިވަނީ ވަރަށް ދިގު ރުކަކުންނެވެ.
ކުޅުދުއްފުށީން ވާހަކަ ދެއްކި މީހަކު ބުނީ “އެ ރަށުގައި ރުއްތަކެއް ސާފުކުރަން އުޅުނު މީހަކު ރުކަކުން ވެއްޓިފައިވާ” ކަމަށާއި، އެ ރުކަކީ ވަރަށް ދިގު ރުކެއް ކަމުން އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.
އަނިޔާވި މީހާއަށް މިހާރު ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. “އޭނާގެ ހާލު ވަރަށް ދެރަވެ މިހާރު އޮތީ ވެންޓިލޭޓަރަށްލައިފައި” ކަމަށް ހޮސްޕިޓަލާ ހަވާލާދީ މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލެއް އަދި ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

